ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވަައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް، ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ސަލާހުއްދީން ސްކޫލުގައި ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.
އަންނަ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ. އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސްކޫލުގައެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާނެކަން އިއުލާންކުރައްވައިފައެވެ.
އެގޮތުގެ މަތީން ރައީސް ވަނީ ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
