އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް “ވާނުވާ” ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާ އަންނަ މާޗް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ހުރިހާ އެންމެންގެ މައްސަލަތައް ބަލައި ނިންމާނެ ކަމަށާއި އެއަށްފަހު ވާނުވާ ބަންދުގައި ތިބި އެހެން އެންމެންގެ މައްސަލަތައް ވެސް ކުރިއަށްދާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ކޯޓުތަކުގެ ތެރޭ މިހާރު ހިނގާ މައްސަލަތަކަށް ބަލާއިރުގައި، އަންނަ މާޗް މަސް ނިމޭއިރަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތަކުގެ ކޯޓު މަރުހަލާތައް ނިމޭނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ދީފައިވާ މައުލޫމާތުގައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ވާނުވާގައި ތިބި އެ އެންމެންގެ ކޯޓު މަރުހަލާތައް ނިމި، ކޮންމެވެސް ގޮތަކަށް ނިމިގެންދާނެ ކަމަށާއި ބާކީ ހުރި މައްސަލަތައް ނިންމުމަށް ވެސް މާގިނަ ދުވަސްތަކެއް ދެން ނުނަގާނެ ކަމަށެވެ.
ވާނުވާ ބަންދު މައްސަލައިގައި ސަރުކާރު ތެރެއިން ކުރަން ހުރި މަސައްކަތްތައް ވީ އެންމެ ރަނގަޅަކަށް ކުރާނެ ކަމަށާއި އޮންނަ އުސޫލުން ޕީޖީއާއެކު ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
