ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބާއްވާ ތާރީހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އީސީން މިއަދު ބުނީ ކައުންސިލު އިންތިހާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.
އީސީން މީގެ ކުރިން ނިންމާފައިވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވައިލުމަށެވެ. އަދި މާޗް މަހުގެ 28 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އޭރު ނިންމާފައިވެއެވެ.
މި ފަހަރުގެ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.
އެ އިންތިހާބުގައި ޖުމުލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު އެ އިންތިހާބު މިފަހަރު ބާއްވާނީ އެ ބަދަލުތަކާއެކުއެވެ. އެގޮތުން އަތޮޅު ކައުންސިލުތައް އުވާލާފައިވާ އިރު، ކައުންސިލުތަކުގެ ސައިޒު ވެސް ވަނީ ކުޑަކޮށްފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ރައީސުން ވެސް އިންތިހާބުކުރާނީ ވޯޓުންނެވެ.
