ގެދޮރުވެރިޔާ ސްކީމުގެ ތިން ކޮޓަރީގެ ފުލެޓުގެ އެޑްވާންސް 8،000 ރުފިޔާއަށް އަދި ދެ ކޮޓަރީގެ ފުލެޓުގެ އެޑްވާންސް 6،000 ރުފިޔާއަށް ކުޑަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ގެދޮރުވެރިޔާގެ ތިން ކޮޓަރީގެ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި މިހާރު ދައްކަންޖެހެނީ 25،000 ރުފިޔާއެވެ. އަދި މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 10،500 ރުފިޔާއެވެ. ދެ ކޮޓަރީގެ ފުލެޓުތަކަށް އެޑްވާންސްގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހޭ އިރު، މަހު ކުލީގެ ގޮތުގައި ދައްކަންޖެހެނީ 7،000 ރުފިޔާއެވެ.
ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާއެކު ސަލާހުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ހުރިހާ ކަމަކަށް ލުއިތަކެއް ގެނެސްދޭން މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން ތިން ކޮޓަރީގެ ފުލެޓުގެ އެޑްވާންސް 8،000 ރުފިޔާއަށް ކުޑަކޮށް، މަހު ކުލި 10،500 ރުފިޔާއަށް ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށާއި ދެ ކޮޓަރީގެ ފުލެޓުގެ އެޑްވާންސް 6،000 ރުފިޔާއަށް ކުޑަކޮށް، މަހު ކުލި ވެސް 6،000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ނިންމަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ފުލެޓުތަކުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިމި، އެ ފުލެޓުތައް ލިބުނު ހުރިހާ ފަރާތްތަކަށް ދިރިއުޅެން ފެށޭވަރުވާނެ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު އެފްޑީސީން ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ވަނީ، ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ފުލެޓު ލިބުނު ހުރިހާ ފަރާތްތަކަށް ފުލެޓުތަކަށް ވަދެވޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
