ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއް މިދިޔަ ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، އަލީ މަނިކު (43އ) ކަމަށާއި އޭނާ ވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުލުހެއް ކަމަށާއި އެ މުވައްޒަފުގެ މައްޗަށް ތުހުމަތުކުރެވުނު ޖިނާއީ މައްސަލައިގައި ހައްޔަރުކުރުމާ ގުޅިގެން އިއްޔެއިން ފެށިގެން ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރެވިފައި ކަމަށެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

0 Comments
Jamsheed Ismail Jamsheed Ismail
ديسمبر 7, 2025Saabas fuluhunge dauru adaakuran hurasalhaneeves fuluhun heeveytha kame’,hen