ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ އިސްލާހުތައް ދެން ފެށޭ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ކޮށްދިނުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ފެށިފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށާއި ގާނޫނުގައި އެ ހާއްސަ ހާލަތްތައް ބަޔާންކުރެވޭނެ ކަމަށެވެ. އެހެންވީމާ މިހާރަށްވުރެ ގިނަ ފުރުސަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ގާނޫނަށް އިސްލާހު ގެނައުމުން ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
