ދެމެހެއްޓެނިވި ޓައުންޝިޕްތައް ތަރައްގީކުރެވޭ ގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފިއެވެ.
ޓައުންޝިޕްތަކެއް ތަރައްގީ ކުރެވޭގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 10 ގައެވެ.
އެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމުގެ ހުއްދަދީފައިވަނީ ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ 2028 ގެ ކުރިން އޮޕަރޭޝަނަށް ގެންނަން ޖެހޭ ގޮތަށް އެއްބަސްވުމެއް ހެދިގެން ކަމަށާއި އެ މަޝްރޫއަށް އެ ކުންފުނިން 790 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޓައުންޝިޕްގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ހޮސްޕިޓަލަކާއި ޒަމާނީ ތައުލީމު ލިބިދޭ ފެންވަރުގެ މަރުކަޒުތަކެއް ހަދާނެ ކަމަށާއި ޓައުންޝިންގައި ހަދާ އެ ތަންތަނުގައި 60 ޕަސަންޓް ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓައުންޝިޕް މަޝްރޫއުތަކަށް ހުއްދަދޭން ފެށުމުން ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައިވެ، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށެވެ.
އާ ގާނޫނުގެ ދަށުން ޓައުންޝިޕްތައް ތަރައްގީކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއްގެ ގޮތުގައި ޓެކްސްގެ ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ޓެކްސްތައް ދައްކަން ނުޖެހުމާއި، ޒޯން ތަރައްގީކުރަން އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ އިސްތިސްނާކުރުން ހިމެނެއެވެ.
