ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ، މާލޭ ސިޓީ ކައުންސިލުގައި ހުރި އެގްރީމަންޓު ލިޔުންތަކެއް ވީދާލި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
މިހާރު އާންމުވެފައިވާ މާލޭ ސިޓީ ކައުންސިލުގެ ވީޑިއޯ ފުޓޭޖަކުން ފެންނަ ގޮތުގައި، ނަހުލާ ވަނީ މުވައްޒަފެއްގެ އަތުގައި ހުރި ލިޔެކިޔުންތަކެއް ވީދާލައިފައެވެ.
މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުން ހޫނުވެ، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ނަހުލާ ވަނީ ރަސްމީ ދެ ލިޔުމެއް ވީދާލާފައި ކަމަށާއި އެއީ ޖިނާއީ ކުށެއް ކަމަށެވެ.
އެއީ ގާނޫނާ ހިލާފު ކަމަކަށްވާތީ އެކަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވެސް އަންގާފައިވާނެ ކަމަށާއި އަދި އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެ މައްސަލައިގައި ނަގާފައިވާ މުވައްޒަފުންގެ ބަޔާންތައް ވެސް ފުލުހުންނަށް ހުށަހަޅާނެ ކަމަށާއި އެފަދަ ކަންކަން ކައުންސިލުގެ ތެރެއިން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ނަހުލާ ވަނީ، ވިލިމާލޭގެ މަޝްރޫއެއްގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ކަންކަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ތުހުމަތުތައް މޭޔަރު ވަނީ ދޮގުކުރައްވައިފައެވެ.

0 Comments
Ahmed Ageel
ديسمبر 3, 2025Den ves mikahala meehun vote deegen nuhovaathi….